މޭޔަރުގެ ހައިސިއްޔަތުން، އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު ޑރ.މުޢިއްޒު ސިޓީ ކައުންސިލްގެ މުވައްޒަފުންނާއިއެކު ވަދާޢީ ބައްދަލުވުން ބާއްވަވައިފިއެވެ.
މިބައްދަލުވުން ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭގައެވެ.
މޭޔަރުކަމުގެ މަޤާމުގައި ހުންނަވާ ޑރ. މުޢިއްޒު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަވާ ހޯއްދެވި ކާމިޔާބީ އާއިއެކު ދިވެހި ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގެންނެވުމުން މިވަގުތު ހުންނެވީ ހުވާ ކުރެއްވުމާއި ހަމަޔަށް ކުރިއަށްދާ އިންތިޤާލީ މަރުޙަލާގެ މަސައްކަތްތަކަށް ވަގުތު ހުސްކުރައްވައިގެންނެވެ.
މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްއޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ވުމާއިގުޅިގެން ޓްރާންސިޝަން މަސައްކަތަށް ވަގުތު ހުސްކުރެއްވުމަށް މޭޔަރުގެ ޒިންމާތައް ވަނީ ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވާފައެވެ. ޒިންމާތައް ޑެޕިއުޓީ މޭޔަރަށް ހަވާލުކުރެއްވީ މާލެ ސިޓީ ކައުންސިލްގެ 119 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
އެއަށްފަހު މޭޔަރުގެ ހައިސިއްޔަތުން ޑރ.މުޢިއްޒު ރޭ ވަނީ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނާއިއެކު ވަދާޢީ ބައްދަލުވުން ބާއްވާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ މޭޔަރުކަމުގައި ޑރ. މުޢިއްޒު ކޮށްދެއްވި އަގުހުރި ޚިދުމަތް ފާހަގަކޮށް ޝުކުރުގެ ފިލާއެއް އަރުވާފައެވެ.
ބައްދަލުވުމުގައި ޑރ.މުޢިއްޒު ވަނީ ކައުންސިލްގެ 2 އަހަރާއި ބައިގެ މަސައްކަތްތަކުގެ ތަފްޞީލް ހިމެނޭ އަތަމަނަ މަޖައްލާގެ 2 ވަނަ އަހަރީ ޢަދަދު އިފްތިތާޙްކޮށްދެއްވާފައެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ކައުންސިލަރުންނާއި ވެރިން އަދި ހުރިހައި މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
ޑރ. މުޢިއްޒު ވިދާޅުވީ 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރެއްވުމަށްފަހުމި ފާއިތުވި ދުވަސްތަކުގައި ކައުންސިލަށް ލިބިގެންދިޔަ ކާމިޔާބީއަކީ ކައުންސިލަރުންނާއި، ވެރިން އަދި މުވައްޒަފުންގެ ބުރަ މަސައްކަތުން ލިބުނުކާމިޔާބީއެއްކަމަށާއި،އެކަމަށްޓަކައި ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުދަންނަވާކަމަށެވެ.
މިއާއިއެކު ޑރ. މުޢިއްޒު ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި މާލެސިޓީއިން ލިބުނު ކާމިޔާބީގެ އަސްލަކީވެސް ކައުންސިލްގެ މުވައްޒަފުން ކުރެެއްވިބުރަ މަސައްކަތް ކަމަށެވެ.
ކައުންސިލް ހިންގުމުގައި ދިމާވި ގޮންޖެހުންތައް ފާހަގަކުރައްވާ ޑރ.މުޢިއްޒު ވިދާޅުވީ އެ ދަތިތައް ކުރިމަތިނުވިނަމަ މާލެސިޓީގެ ކަންކަން މިހާރަށްވުރެ މާބޮޑަށްފުރިހަމަ ވެގެންދާނެ ކަމަށެވެ.
އަދި މާލެ ސިޓީ ކައުންސިލަށް މި ހުރިހާ ދުވަހު ނުލިބި އޮތް އެއްބާރުލުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވެރިކަމުގެ ތެރޭގައި ފުރިހަމަ އަށް ދޭނެކަމުގެ ޔަޤީން ކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
