ރާއްޖޭގެ އެހީ ދޭ ޖަމުއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގުދަނަކަށް އަމާޒުކޮށް އިޒްރޭލުގެ ޔަހޫދީން ބޮން އަޅައިފިއެވެ.

ޔަހޫދީން ހަމަލާ ދީފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ރައްކާކޮށްފައި ހުރި ގުދަނަކަށް އަމާޒުކޮށެވެ.
“އައިއޭސީގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް ޔަހޫދީން މިވަނީ ހަމަލާދީފަ. މި ހަމަލާގައި ވެއަރ ހައުސް ވަނީ އެއްކޮށް ހަލާކުވެފަ.“

މި ވެއަރ ހައުސްގައި ހުރީ 2000 ރަޖާއާއި، ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1،000 ޕެކާއި، 3000 އަންނައުނު ޕެކެވެ.

މި ތަކެތި އެއްކޮށް ހަލާކުވެފައިވާ ކަމަށް އައިއޭސީއިން ވަނީ ބުނެފައެވެ. ނަމަވެސް ދިވެހީންގެ ފަރާތުން ދޭ ހުރިހާ އެހީއެއް ހަލާކު ނުވާ ކަމަށް އައިއޭސީން ބުނެއެވެ.

މީގެ އިތުރުން އައިއޭސީގެ މުވައްޒަފުން ދަތުރު ކުރަމުން ދިޔަ ވެހިކަލަކަށް ހަމަލާދީފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ވާވަރުގެ އަނިޔާއެއް ނުވާކަމަށް އައިއޭސީއިން ވަނީ މައުލޫމާތުދީފައެވެ.