އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހީންނަށް ލިބުނު އެންމެ އަގުބޮޑު ނިއުމަތް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ފޮނުއްވި ޚިޠާބުގައެވެ.

އެގޮތުން ސިޔާމް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން ކާބަފައިން ވެސް ދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ ދީނުގެ ޝިޢާރުތައް ނަގަހައްޓައިފައިވާ ކަމަށާއި އެ ކަމަށް ޓަކައި ކާބަފައިން ޖާނާއި މާލުން ޤުރުބާންވިއިރު އެ ކަމުގެ ހަނދާން ވެސް އައު ކުރަން ޖެހޭކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހިންނަށް ލިބުނު އެންމެ ފުރިހަމަ އެންމެ އަގުބޮޑު ނިއުމަތް ކަމަށް ސިޔާމްގެ ހިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ނިޢުމަތް ދިވެހިންނަށް ގެނެސްދެއްވުމުގައި މެދުވެރިންގެ ގޮތުގައި މިންވަރު ކުރެއްވި އެންމެންގެ ޒިކުރާ އާ ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ސިޔާމްގެ ހިޠާބުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިސްލާމްދީނަކީ ދިވެހިންގެ ގައުމިއްޔަތުގެ ވެސް އެންމެ މުހިންމު ރުކުން ކަމަށާއި، މިއީ މިއަދު ދިވެހިންގެ އަތުގައިވާ މިނިވަންކަމާއި، އެއްބައެއްވަންތަކަމުގެ އަސްލުކަމަށާއި އިސްލާމްދީނުގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފައިވާ ކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.

ސިޔާމްގެ ޙިޠާބުގައި ވަނީ މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ޔަހޫދީން ދެމުން އަންނަ ލާއިންސާނީ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ވީހާ ވެސް އަވަހަކަށް ގާއިމުކޮށްދިނުމަށް ބައިނަލްއަޤްވާމީ، އެންމެހާ އިދާރާތަކާއި، ހުރިހާ އިސްލާމީ ޤައުމުތަކަށް ގޮވައިލައްވައިފައެވެ.