ލާދީނީ އޮއެވަރުތަކާއި ލާދީނީ ފިކުރުތަކުން ސަލާމަތްވުމުގެ އަޒުމު ވަރުގަދަކުރުމަށް އައްޝެއިޚް ޢަލީ ޒައިދު މިއަދު ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްކަންމަތީ އޮންނާތީ އެކަން ހަޖަމުނުވާ ބަޔަކު އުޅޭ ކަމަށާއި ނަމަވެސް ދަންނަންވީ ދިވެހިންގެ އެންމެ ބޮޑު ރައުސުމާލަކީ މި އިސްލާމްދީން ކަމަށެވެ.
”މި ދީންވަނީ އަޅުގަނޑުމެންގެ ލެޔާ ގުޅިފައި. ލާދީނީ އޮއެވަރުތަކާއި ލާދީނީ ފިކުރުތަކުން ސަލާމަތްވުމުގެ އަޒުމް ވަރުގަދަކުރުމަށް ގޮވާލަން.“
ރާއްޖެ އިސްލާމްވުމަކީ ރާއްޖެއަށް ލިބިގެންދިޔަ އެންމެ ބޮޑު ނިއުމަތްކަން ފާހަގަކުރައްވައި، މި ނިއުމަތަށް ޝުކުރުވެރިވެ ރައްކާތެރިވުމަކީ މިއަދު ދިރި ދުނިޔޭގައި ހުރި ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
އިސްލާމްކަމާއެކު އިމްތިހާން އަންނާނެ ކަމަށާއި ފަލަސްޠީނުން އެ ފެންނަނީ އިސްލާމުންނަށް އޮތް ޔަހޫދީންގެ ޢަދާވާތް ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
