ފަލަސްތީނުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ތުރުކީގެ ރައީސް ޠައްޔިބު އުރުދުޣާން މަޝްވަރާ ކުރައްވައިފިއެވެ.
މުޢިއްޒު އާއި އުރުދުޣާން މަޝްވަރާ ކުރައްވާފައިވަނީ ފޯނުން ގުޅުއްވައެވެ.
ޓީއާރުޓީ ވާރލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.
އަދި ފަލަސްތީނުގައި ސުލްހަ ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްގައި ތުރުކީން އެހީތެރިކަން ފޯރުކޮށް ދެމުންދާކަމަށް ރައީސް އުރުދުޣާން ވިދާޅުވި ކަމަށެވެ.
އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށްވެސް ތުރުކީން އެހީތެރިކަން ފޯރުކޮށްދެމުންދާކަމުގެ މައުލޫމާތުވެސް ތުރުކީގެ ރައީސް ޑރ. މުއިއްޒަށް އަރުވާފައިވާކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 4،137 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެއެވެ.
