ދިވެހިންގެ އެހީއާއިއެކުގައި، ފަލަސްތީނުގައި ބިނާކުރަމުން އަންނަ ފުރަތަމަ މިސްކިތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.
ފަލަސްތީނުގައި އަޅާ މި މިސްކިތަށް ކިޔަނީ ”މަސްޖިދުލް ޤުއްދޫސް“އެވެ.
މި މަޝްރޫޢުގެ މަޢުލޫމާތު ދެމުން އައިއޭސީން ބުނީ މި މަހުގެ 7 އާ ހަމައަށް އެތަނުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހުރހާ މަސައްކަތެއް ވަނީ އެއްކޮށް ނިމިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހިއްކުމާއި ބެކްފިލިންގ އާއި ކޮންކްރީޓް މަސައްކަތުގެ އިތުރުން އަދި ރޭނުމުގެ މަސައްކަތެވެ.
އައިއޭސީން ބުނި ގޮތުގައި މިސްކިތް ބިނާކުރާ ސަރަހައްދު ކަމަށްވާ އަލްތުއްފާޙް (އިރުމަތީ ޣައްޒާ) ސަރަހައްދަކީ މިހާރު އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ސަރަހައްދެއް ކަމަށެވެ. ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ދެމުން ދަނީ މި މަހުގެ 7 އިން ފެށިގެންނެވެ.
އައިއޭސީން ބުނީ ދިވެހިންގެ ފަރާތުން ފަލަސްތީނުގައި ބިނާކުރާ މިސްކިތް ހިމެނޭ ސަރަހައްދު ނުރައްކަލުގެ ތެރޭގައި އޮތް ނަމަވެސް އިއްޔެއާ ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
”ހުރިހާ ބޭފުޅުން ވެސް ޣައްޒާގެ ރައްޔިތުންނަށް ހެޔޮ ދުޢާ ކުރުމަގައި ދެމިތިއްބަވާ.“ އެ ޖަމާއަތުން ބުންޏެވެ.
މި މިސްކިތަކީ ތިން ފަންގިފިލާއަށް ހަދާ މިސްކިތެކެވެ.
