ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 4:15ހާއިރު ހިނގައިދިޔަ މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ތަހުލީލް ކުރުމަށް ބޭނުންވާތީ މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށެވެ.
މަކުނުދޫ އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި މަރުވީ އިންޑިއާއަށް ނިސްބަތްވާ ދެ މީހެކެވެ.
އެ ދެ މީހުންނަކީ މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެރަށަށް ގޮސް ތިބި ދެ މީހުންނެވެ.
މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޮވި މި ގޮވުމުގެ އަޑު ވަރަށް ދުރަށް ފޯރާފައި ވާއިރު މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތަށް ވަނީ މި ގޮވުމާއެކު އެކި ތަންތަނަށް ބުރައިގެން ގޮސްފައެވެ.
