ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން ދީނީ އިލްމުވެރިން ބުނެދެއްވާފައިވަނިކޮށް، އެހަރަކާތް ހުއްޓުވުމަށް ނުކުތް ޒުވާނުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުުހުން ދީފިއެވެ.

Ads by Asuru

މިއަދު ގަލޮޅު ދަނޑުގައި، ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗުރަލް ސެންޓަރުން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ޒުވާނުންތަކެއް ނުކުމެ ވަނީ ހުއްޓުވާފައެވެ. ޒުވާނުން މިކަން ހުއްޓުވީ، ދަނޑަށް ވަދެގަނެގެންނެވެ.

މިކަން ހުއްޓުވަން އުޅުނު އާއްމުންގެ ތެރެއިން، ފުލުހުން ވަނީ ހަ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓުންނާއި، އާންމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެ ބައެއް މީހުންނަށާއި ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށާއި، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

އަދި މިއަމަލު ހިންގި މީހުންގެ މައްސަލަ ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުގެ ގުނަންތަކުން ކުރަމުންދާ ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށްވެސް ފުލުުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ބަަލައި، ދިވެހި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑް ކުރިގޮތުގެ އިންޓާނަލް ކުރާނެ ކަަމަށެވެ.

ޔޯގާ ހުއްޓުވި މީހުންގެ މައްޗަށް ތަހުގީގެއް ފަށައިގެން ކުރިއަށްދާއިރު، މިއީ ހިންދޫ ދީނުގެ ޝިވާ ކަލާނގެއާ ގުޅިފައިވާ، އެބައިމީހުންގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ، މިއީ ޝިރުކުގެ އަމަލެއް ކަމަށް ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.