މުޅިން އައު ވަޤުފް އިމާރާތެއް އެޅުމަށް މާލެއިން ބިމެއް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ވަޤުފު އައު އިމާރާތެއް އެޅުމަށް ކެބިނެޓަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަރުދާހެއް ހުށަހަޅުއްވައިފައެވެ.
މިނިސްޓްރީން އައު ވަޤުފު އިމާރާތް ކުރުމަށް ހުށަހެޅުއްވީ ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމެވެ.
ނަމަވެސް އެ ބިމަކީ ތަރީޙީ ގޮތުން މުހިންމު ބިމަކަށް ވުމާއެކު، އެ ބިމުގައި އިމާރާތް ނުކުރުމަށް ވަޒީރުންގެ މަޖިލީހުގައި ކުރެވެނު މަޝްވަރާތަކުން ވަނީ ލަފާ ދީފައެވެ.
މިއާއެކު ރައީސް ނިންމަވާފައި ވަނީ ވަޤުފު އިމާރާތެއް އެޅުމަށް މާލެއިން އެކަށީގެންވާ ބިމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ގުޅިގެން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ހަމަޖެއްސެވުމަށެވެ.
މި މަސައްކަތަކީ ރާއްޖޭގައި ވަޤުފުތައް އިތުރުކޮށް ލިބޭ އާމްދަނީން ދީނީކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.
މާލޭގައި އައު ވަޤުފު އިމާރާތެއް އަޅަން ނިންމާފައިވާއިރު، ރަށްރަށުގައިވެސް ވަޤުފު އިމާރާތްތައް އަޅަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު ނިންމާފައެވެ.