ކިޔެވުން ފަށާ ދުވަހަށް ގެންނަ ބަދަލާއެކު، ކޮވިޑް-19ގެ ސަބަބުން ގްރޭޑް 8ގެ ދަރިވަރުންނަށް ގެއްލުނު ހަ މަސް އަނބުރާ ލިބޭނެ ކަމަށް ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

Ads by Asuru

މި އަހަރު ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރުން ގްރޭޑް ބަދަލުވާނެ ގޮތުގެ ތަފްޞީލު ދެއްވަމުން ޝަފީޢު ވިދާޅުވީ ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން އެ ގްރޭޑްގެ ދެ ވަނަ ޓާމް ނިމޭނީ އޭޕްރީލް މަހުގައި ކަމަށެވެ.

އެ ދަރިވަރުން ގްރޭޑް ނުވައެއްގައި ތިބޭނީ މި އަހަރުގެ މެއި މަހުން ފެށިގެން 2025ގެ ފެބްރުއަރީ މަހަށް ކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި އެ ދަރިވަރުން ގްރޭޑް 10 ފެށޭނީ އަންނަ އަހަރުގެ މާޗު މަހުގައި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ޝަފީޢު އިތުރަށް ވިދާޅުވީ އެ ދަރިވަރުން އޯލެވެލް ހަދާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ.

އަދި ތަޢުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލުން އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި މިހާރު ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން ހިމެނޭނެ ކަމަށެވެ.

އެބަދަލާއެކު ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސްދުވަސް އަނބުރާ ލިބޭއިރު، ސިލަބަސް ކަވަރުކުރެވި، ރިވައިސް ކުރުމަށްވެސް ވަގުތު ލިބޭނެ ކަމަށް ޝަފީޢު ވިދާޅުވިއެވެ.

ކިޔެވުން ފަށާ ދުވަސް ޖެނުއަރީއަށް ބަދަލު ކުރި ނަމަވެސް އެ ބަދަލުގެ އަސަރު މިހާރު ގްރޭޑް 9 އަދި 10ގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެ ދަރިވަރުން އޯލެވެލް ހަދާނީ ކުރިން ރޭވިފައިވާ ގޮތަށް މޭ ޖޫން މަހުގައި ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެންބަރު މަހުގައި ދިނުމަށާއި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ދިރާސީ އާ އަހަރު ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިބަދަލާއެކު ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެ ބަަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގެއްލުންތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތި ނުވާނެ ގޮތުގެ މަތިންނެވެ.