ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫއުއަކީ 42.45 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތް ސައިޓުގައި މިހާރު ކުރިއަށްދާއިރު މަޝްރޫއުއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ބަނދަރު ބައްތި ހަރުކުރުމާއި، އެކްސަސް ޕްލެޓްފޯމެއް ގާއިމުކުރުމާއި، 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 32,381 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އާ ބަނދަރު ފުންކުރުމާއި، 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، 7,071 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމެވެ.

