މި މަހު ބާއްވާ ހަތްވަނަ ފުޑް އެންޑް ބެވެރެޖް ޝޯގައި ”ބޭކް އެންޑް ޑެލިކެސީ“ ޝޯގެ ނަމުގައި ކޭކު އެޅުމުގެ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

Ads by Asuru

މި މުބާރާތް އިންތިޒާމު ކުރަނީ ”މައިކޭކް އެންޑް ސްވީޓްސް“ އިންނެވެ. ހަތްވަނަ ފުޑް އެންޑް ބެވަރޭޖް ޝޯގައި ކޭކު އެޅުމުގެ މުބާރާތް އޮންނާނީ، މިމަހުގެ 18، 19 އަދި 20 ވަނަ ދުވަހު ހަވީރު 4:00ގައެވެ.

ކޭކު އެޅުމުގެ މުބާރާތް ކުރިއަށް ގެންދަން ފުރުސަތު ދިނީ ހައިރައިޒްއިންކަން ފާހަގަކޮށް، މައި ކޭކް އެންޑް ސްވީޓްސް އިން ބުނީ، މިކަމަށް ޝެފްސް ގައިޑް މޯލްޑިވްސްގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނުއިރު، އެކި ދާއިރާތަކުން މީހުން ބިނާ ކުރުމުގައި އެހީތެރިވެލައްވާ މަރިޔަމް ނޫރައްދީންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމުގައެވެ.

މި މުބާރާތުގައި ވެޑިން ކޭކާއި، ނޮވެލްޓީ ކޭކާއި، ސުގަރ ފްލާވާ ކޭކުތައް އަޅާނެއެވެ. އަދި ލައިވްކޮށް ކޭކު ޑްރެސް ކުރުން ވެސް އޮންނާނެއެވެ. މިކަމަށް ބައިވެރިންނަށް ދެނީ އެއްގަޑިއިރާއި 30 މިނެޓެވެ.

ބައިވެރިންނަށް ބޮޑެތި އިނާމުތަކެއް:

  • މި މުބާރާތުގައި ވެޑިން ކޭކު ކެޓަގަރީން އެއްވަނަ ހޯދާ ފަރާތަށް ޓްރޮފީއާއިއެކު، 10000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ޕްރޮފެޝަނަލް ކޭކް ޑެކަރޭޓިން ކިޓެއް ލިބޭނެއެވެ. ދެވަނަ ހޯދާ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއިއެކު ކޭކު އެޅުމަށް އެސެންޝަލް ކިޓެއް ލިބޭނެއެވެ. ދެވަނަ ރަނަރަޕް، ނުވަތަ ތިންވަނައަށްދާ ފަރާތަށް 2500 ރުފިޔާގެ އިނާމަކާއިއެކުގައި، ކޭކް ޑެކަރޭޓިން ބުކް ކަލެކްޝަނެއް ލިބޭނެއެވެ.

 

  • ޑްރެސް ދަ ކޭކް ކެޓަގަރީން ވެސް އެއްވަނަ އަށްދާ ފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމަކާއި،ޓްރޮފީ އާއި، ބަޓަރ ކްރީމް ޕައިޕިން ޓިޕްސް ސެޓެއް ލިބޭނެއެވެ. ދެވަނައަށް ދާ ފަރާތަށް ފަސްހާސް ރުފިޔާގެ އިނާމަކާއިއެކު ލިބެނީ ބަޓަރކްރީމް އެސެންޝަލް ކިޓެކެވެ. އަދި ތިންވަނައަށް ދާ ފަރާތަށް ލިބެނީ 2500 ރުފިޔާ އާއި ކޮލިޓީ ރަނގަޅު ސްޕެޗުލާއެކެވެ.

 

  • ނޮވެލްޓީ ކޭކު ކެޓަގަރީން ވެސް އެއްވަނައަށްދާ ފަރާތަކަށް 10000 ރުފިޔާ އާއި، ޓްރޮފީ އަދި ޕްރޮފެޝަނަލް ކޭކް ކާވިން ސެޓެއް ލިބޭނެއެވެ. ފުރަތަމަ ރަނަރަޕަށް 5000 ރުފިޔާ އާއި ރިއަލިސްޓިކް ކޭކް ސްކަލްޕްޓިން ކިޓެއް ލިބޭނެއެވެ. ތިންވަނަ ހޯދާ ބައިވެރިޔާއަށް 200 ޑޮލަރުގެ އިނާމަކާއި، ކޭކު އެއާ ބްރަޝިން ސެޓެއް ލިބޭނެއެވެ.

 

  • ދެން އޮތީ ސުގަރ ފްލާވަރ ކެޓަގަރީއެވެ. މި ކެޓަގަރީން އެއްވަނަ ހޯދާ ބައިވެރިޔާއަށް 8000 ރުފިޔާ ފައިސާގެ އިނާމަކާއި،ޓްރޮފީ އާއި، ޓޮޕް ޓަޔަރ ގަމް ޕޭސްޓް ޓޫލް ސެޓެއް ލިބޭނެއެވެ. ދެވަނައަށް ދާ ފަރާތަށް 4000 ރުފިޔާއާއިއެކު ސުގަރ ފްލާވަރ މޭކިން ސްޓާޓަރ ކިޓެއް ލިބޭނެއެވެ. އަދި ތިންވަނަ ހޯދާ ފަރާތަކަށް 2000 ރުފިޔާއާއިއެކު، ކޭކު އަޅަން ބޭނުން ކުރާ އެޑިބަލް ޕެޓަލް ޑަސްޓް ކަލެކްޝަނެއް ވެސް ލިބޭނެއެވެ.

މުބާރާތުގެ ސްޕޮންސަރުންނަށް ވުމަށް ފުރުޞަތު އެބައޮތް

މައި ކޭކް އެންޑް ސްވީޓްސް އިން ބުނީ، މި މުބާރާތުގެ ބައިވެރިންގެ އިނާމުތައް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ވެސް ހުޅުވައިލެވިފައިވާ ކަމަށެވެ. މުބާރާތުގެ ވަނަތައް ހޯދާ ފަރާތްތަކަށް ދޫކުރާ ސެޓްފިކެޓުގައިވެސް ސްޕޮންސަރުންގެ ލޯގޯ ހިމަނާނެއެވެ. އިނާމުތައް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9550050 އަށް ގުޅައިލާށެވެ.

މީގެ އިތުރުން މި އިވެންޓުގެ ތެރެއިން، ހިލޭ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ސްޓޯލްތައް ވެސް ކުއްޔަށް ނެގޭނެއެވެ.

ފުޑް އެންޑް ބެވަރެޖް ޝޯ އަކީ ރާއްޖޭގައި ކާބޯތަކެތީގެ ދާއިރާ އިން ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މިއީ ތަފާތު ގިނަ ކުންފުނިތަކެއްގެ އުފެއްދުންތައި ދައްކައިލާ އެގްޒިބިޝަނެކެވެ. މި އަހަރު ބާއްވަނީ، މި ޝޯގެ ހަތްވަނަ އެޑިޝަނެވެ.