ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހައުސް އޮފް ޕީއެންސީގައި މިރޭ ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ރޭވިފައި އޮންނަ ގޮތުން ވަރަށް ގިނަ އިންތިހާބުތައް އޮންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމު ހިންގުމަށްޓަކައި އިންތިހާބުތައް ބާއްވަން ޖެހޭއިރު، އެކަން ކުރަންވާނީ، ހަރަދު ވެސް ދެކޮޅު ޖެހޭނެ ގޮތަށް ކަމަށެވެ.
”އާދެ، ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން، ދައުލަތް ހިންގުމުގެ ހުރިހާ ިކަމެއްގައި އޮންނަން ޖެހޭނެ. އެކަން ހާސިލު ކުރެވޭ ގޮތަށް، ހަރަދު ކުރުމުގެ ކަންކަމުގަ އަޅުގަނޑުމެން ޒިންމާދާރުވާން ޖެހޭނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނިމިގެން ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް 120 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހަރަދުވެގެން ދިޔަ ކަމަށެވެ.
”120 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވެފަ އެބަހުރި. އަދި ކްލިއަރ ނުވާ ބައެއް ބިލުތައް ހުރީމަ، މުޅި ސީދާ އަދަދު ޔަގީން ނުވިޔަސް، މަދުވެގެން އެހާވަރު ހަރަދުވިކަން ޔަގީން އެބަވޭ.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިހާބުގެ ދެ ބުރަށް، 180 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހަރަދުވިކަން ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދެމެދު 6 މަސް ދުވަހުގެ ދުރުމިން ހުރިއިރު، މި ދެ އިންތިހާބު އެކުގައި ބާއްވައިފިނަމަ، މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ 120 މިލިއަން ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް ނިންމައިދެވޭނެ ކަމަށެވެ. އެހެންކަމުން، 2028 ވަނަ އަހަރުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމަވާފައިވާ ކަމަށް ރައީީސް ވިދާޅުވިއެވެ.
ަ
