ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދާއި، ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރައްވާ ދެބޭފުޅުން ކަމަށާއި، އެ ބޭފުޅުން އަބަދުވެސް މަސައްކަތް ކުރައްވަނީ އަމިއްލަ ޖީބު ބޮޑު ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މައި ހަރުގެ، ހައުސް އޮފް ޕީއެންސީގައި މިރޭ ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ތާއަބަދު ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ މީހުންގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އޭނާގެ ވާހަކައިގައި، ރައީީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީީސް ޑރ.ޖަމީލަށާއި މަލީހަށް ވަރަށް ހޫނު ބަހުގެ ހަމަލާތައް ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖަމީލާއި މަލީހު، މި ސަރުކާރަށް ނިސްބަތްކޮށް ހައްދަވަނީ އިތުރުފުޅެވެ.

އޭނާ ވިދާޅުވީ، އެކި ޖަގަހަތަކުގައި ސަރުކާރަށް ފާޑުވިދާޅުވާ ފަރާތްތަކުން ހަދަނީ ”ބުހުތާނު ދޮގު“ ކަމަށެވެ.

”އޭ މިހިރަ ޑރ.ޖަމީލާއޭ. ކަލޭ ތި ހަދަނީ ކަނޑައެޅިގެން ބުހުތާނު ދޮގޭ. އޭ މިހިރަ، ޑރ.މަލީހުއޭ، ކަލޭ ތި ދައްކާ ވާހަކައެއް މި ގައުމުގެ ރައްޔިތުން ގަބޫލެއް ނުކުރާނޭ.“ އޭނާ ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ، މަލީހާއި ޖަމީލަކީ ފެށުނީއްސުރެ ވެސް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ވިއްކާލައި، އަމިއްލަ ޖީބު ބޮޑު ކުރަން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. މިއަދު އެ ދެބޭފުޅުންނަށް ރައީސް ޔާމީން ވަރެއް ނެތިގެން އުޅުއްވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި، ރައީސް ޔާމީނާ ދެކޮޅަށް އެ ދެބޭފުޅުން މަސައްކަތް ކުރެއްވިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ގައުމު ފަސާދަކޮށް، ތިޖޫރީއަށް ހައްދަވާނެ ގޮތްތަކުގެ ވާހަކަ ވެސް ދެއްކެވީ ޖަމީލު ކަމަށާއި، ެއެމަނިކުފާނު ވެރިކަމުން ދުރު ކުރަން މަސައްކަތް ކުރެއްވީ ވެސް ޖަމީލު ކަމަށް މުހައްމަދު ވިދާާޅުވިއެވެ.