ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒު މިއަދު އުފައްދަވައިފިއެވެ.

Ads by Asuru

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސްއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. މި އިދާރާއަކީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ”ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު“ ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނެއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރާނީ ”National Institute for Maldivian Heritage Research“ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި497 ޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.