މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ޙަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނުން ކުރި ޖޫރިމަނާ ފަސް ކުރަން އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށެހެޅުމުން މައްސަލަ ބޭރުކޮށްލައިފިއެވެ.

Ads by Asuru
ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން އީސީން ބަލައި ދިރާސާ ކުރުމަށް ފަހު އިންތިޚާބާއި ބެހޭ އާންމު މިންގަނޑުގައި ބަޔާން ކުރާ މިންގަނޑަށް ނުފެތޭ ކެންޑިޑޭޓުން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 11 ގައެވެ.

އީސީން ވަނީ ކޮންމެ ކެންޑިޑޭޓަކު ވެސް 20،000 ރުފިޔާއިން ޖުރިމަނާކޮށް، އަދި އެ ކެންޑިޑޭޓުންގެ އެޖެންޑު 6،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އީސީން އެންގީ ޖޫރިމަނާ ކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ.

ވަގުތީ އަމުރަކަށް އެދި ޒަމީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއިރު މައުޟޫޢީ މައްސަލަ ހުށަހެޅުމުގެ ކުރިން ވަގުތީ ގޮތުން އަމުރެއް ނެރެދިނުމަށް އެދި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިދެއެވެ.

ޒަމީލާއި އޭނާގެ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސި، އޭނާގެ ދަރިފުޅު އަޙުމަދު މަހްރާން ޒަމީލްގެ ފަރާތުން ކޯޓަށް މި މައްސަލަ ހުށަހެޅުމުން ޙުކުމްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަކާއި ނުލައި ހުށަހަޅާ ވަގުތީ އަމުރުގެ މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށެވެ.