އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭ އޮނިގަނޑެއް ކަމަށާއި، މި ނިޒާމުގެ ބަހާތައް ކަމުގައިވާ އިޖުތިމާއީ އިންޝިއުރެންސް އަދި އިޖުތިމާއީ ހިދުމަތްތަކާއި އެހީ ފޯރުކޮށްދެވޭކަން ކަށަވަރުކުރެވޭނެ މައިގަނޑު އެއް ތަނބަކީ ޕެންޝަން ކަމަށް ޖެންޑަރ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
މި ހައްގުން ކަށަވަރުކޮށްދެނީ އެއްވެސް ފަރާތެއް ބާކީ ނުކުރުމުގެ ސިޔާސަތު ކަމަށާއި، އެގޮތުން ކުޑަކުދިން، ޒުވާޏުން، އުމުރުން ދުވަސްވީ މީހުނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭހެން ހުރިހާ ދިވެހީންނަކީ މުޖުތަމައުގައި ފުރިހަމައަށް ހިއްސާވާ، އަބުރުވެރިކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްގު އޮތް ބަޔަކަށް ހަދަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން އަމާޒު ހިފާފައިވަނީ އިސްރަށްވެހިން ހިމެނޭހެން ނާޒުކު ހާލަތުގައި ދިރިއުޅޭ އަދި އެފަދަ ހާލަތަށް ހުށައެޅިދާނެ ފަރާތްތަކަށް އަމާޒުކޮށްގެން އިންސާފުވެރި، ދެމެހެއްޓެނިވި އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭނެގޮތް މަގުފަހިވާނެފަދަ، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ހުރިހާ ރައްޔިތުންނަށް ދިމާވާ އިގްތިސާދީ، އިޖުތިމާއީ ލޮޅުންތަކާއި ގުދުރަތީ ކާރިސާތަކުން ރައްކާތެރިކޮށްދޭނެ ”ހާމަނައިޒްޑް“ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއާއެކު އެކަމަނާ ވިދާޅުވީ ފުރިހަމަ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގެ އަސާސްތަކަކީ ދިވެހިރާއްޖޭގެ ހާލަތަށް ފެތޭ، ބައިނަލްއަޤްވާމީ ހަމަތަކާއި އެއްގޮތަށް، ހުރިހާ އުމުރުފުރައަކަށް އަމާޒުކުރެވިގެން ދިރިއުޅުމުގެ ހުރިހާ މަރުހަލާތަކެއްގައި ފަޤީރުކަމާއި، ނާޒުކު ހާލަތަށް އަދި އިޖުތިމާޢީ ގޮތުން ހަވާސާވެދާނެކަމަށް ހުށަހެޅޭ ފަރާތްތައް މަދުކުރެވޭނެ ހާލަތްތަކުގައި ތިބި ފަރާތްތައް އެހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭގޮތަށް ރޭވިފައިވާ ސިޔާސަތުތަކާއި ދައުލަތުން ފޯރުކޮށްދޭ ނުވަތަ އަމިއްލައަށް އެދިގެން ބައިވެރިވެވޭ ރޭވިފައިވާ ޕްރޮގްރާމްތަކެއްކަމަށެވެ.
އަދި މި ނިޒާމުގެ މައިގަނޑު ބަހާތައް ކަމަށްވާ އިޖުތިމާޢީ އެހީ، އިޖުތިމާޢީ އިންޝުއަރެންސް އަދި އިޖުތިމާޢީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ދިމާވާ އަދި ދިމާވެދާނެ އެކިކަހަލަ ލޮޅުންތަކުން ރައްކާތެރިކުރުމަށް ދުރާލާ ތައްޔާރުވުމަށް އެކުލެވޭ ޕްރޮގްރާމެއް ކަމަށާއި، އޭގެ ތެރެއިން ވެސް ޕެންޝަނަކީ އިޖުތިމާޢީ އެހީ އާއި އިޖުތިމާޢީ އިންޝިއުރެންސް ހާސިލްކުރެވޭނެ މައިގަނޑު އެއް ތަނބުކަމަށް މިނިސްޓަރު އާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.
ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމްއަކީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމްކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމާގުޅުންހުރި ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން އަދި ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ފޯރަމެކެވެ.

