ސަރުކާރުން އިންސާފު ގާއިމު ކުރަން އެދޭނަމަ ބަލާނީ އެެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ ”ދިޔަރެސް“ ނޫހުގެ ކޯ-ފައުންޑަރު އަހުމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް ކުރި މުޒާހަރާގެ ބައެއް ފޮޓޯތައް ހިއްސާ ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންސާފު ގާއިމު ކުރާނަމަ، މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ފުލުހުން ފެންނަން ވާނީ ރައީސް ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޝަހީމް(އަނދުން ހުސައިން) އާއި ނޫސްވެރިޔާ ނަސީރުމެންގެ ވީޑިއޯ އާއި ފޮޓޯތައް ލީކުވި މައްސަލަ ބެލުމުގައި އުޅޭތަން ކަަމަށެވެ.
”އެއީ ބޮޑު ކުށަކަށް ނުވޭ؟ އަޒާންގެ ކުށަކީ ރައީސް ސޯލިހާއި ސަރުކާރަށް ސަނާ ނުކިޔުން. ލަދުގެ ކަންފުޅެއްވެސް ނެތީ؟“
ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރު ކުރީ އޭނާ ލިޔެފައިވާ ލިޔުމަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފައެވެ.
އަޒާން ފުލުހަށް ހާޒިރު ކޮށްފައިވާއިރު ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ރައީސް ވަނީ ތަސްދީގު ކުރައްވައިފައެވެ.
އަޒާންގެ ދިފާއުގައި މުޒާހަރާ ކުރި ނޫސްވެރިންނާ އާއްމުން ވަނީ އެ ބިލާ ދެކޮޅަށްވެސް އަޑު އުފުލައިފައެވެ.