ކ.ފުށިދިއްގަރުފަޅުގައި ތަރައްޤީ ކުރާ ރަސްމާލެ ސިޓީއާއި، މާލެ  އަންޑަރ ވޯޓަރ ޓަނަލް އަކުން ގުޅައިލުމުގެ މަޝްރޫޢުއެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީީސް މިކަން އިޢުލާނު ކުރެއްވީ، މާލޭގެ މޭޔަރު އާދަމް ޢާޒިމް އާއި ތިން ކައުންސިލަރުން މަޤާމުގެ ހުވައި ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

ރާއްޖޭގައި އަޅާ ފުރަތަމަ އެ އަންޑަރ ވޯޓަރ ޓަނެލްއިން ދަތުރުކުރާއިރު، ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަދި ރަސްމާލެއާއާއި (މާލެ) ގުޅުވައިލުމަށްޓަކައި އަޅުގަނޑުމެން މިހާރު ފަންނީ މަސައްކަތްތަކެއް ވާނީ، އިނޮވޭޓިވް މަސައްކަތްތަކެއް ވާނީ ފަށާފަ. ވަރަށް ޤާބިލު ކުންފުނިތަކާ އަޅުގަނޑުމެން ވާނީ މަޝްވަރާ ފަށާފަ، މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ޤާއިމުކުރެވޭ، އިރާދަކުރެއްވިއްޔާ، އަންޑަރ ވޯޓަރ ޓަނަލް، މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ، ގުޅުވައިލުމުގެ މަސައްކަތް.“ ރައީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ، ކަމުގެ ޤާބިލުކަން ހުރި ކުންފުނިތަކާއިއެކު އެ މަޝްރޫޢުގެ ފީސިބިލިޓީގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިން އެތައް ގުނައަކަށް އިތުރުވާނެ، ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢުއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫޢުއެއް، މީ ރާއްޖެއަށް ޓޫރިސްޓުން އެތައް ގުނައަކަށް އިތުރުވާނެ މަޝްރޫޢުއެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތް.“

މި މަޝްރޫޢުއާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ބްރިޖުގެ މަސައްކަތް ހިނގާނެ ކަމަށް ރައީީސ ވިދާޅުވިއެވެ.

ަދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ގުޅޭ ކަންކަން ފިޔަވައި، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގެދޮރިވެރިކަމުގެ ސިޔާސަތަށް ކަމަށާއި، އެކަން ބަދަލު ނުވާނެ ކަމަށެވެ.

އަދި ފޭރާން ހެޔޮ ސިޔާސަތަކުން އެ މައްސަލަ ޙައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

 

”އިރާދަކުރެއްވިއްޔާ، މި ފަސް އަހަރު ނިމޭއިރު، މާލޭގައި، މި ރާއްޖޭގައި، ގެދޮރުގެ ދަތިކަން ދިމާވެފައިވާ، ގެދޮރު ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ.“ ރައީސް މުޢިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވަވާ އެ ވަޢުދުފުޅު މިރޭ ވެސް ތަކުރާރު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ގެދޮރުގެ މައްސަލަ އަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމީ ކަމެއް ކަމަށެވެ.

އެހެންވެ، އެ ބޮޑު މައްސަލަ ޙައްލު ކުރާނީ ކައުންސިލުތަކުގެ އެއްބާރުލުމާއި އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިކަމުގައި ސިޔާސީ ވިސްނުން އިސްކޮށްފިނަމަ، ގެއްލުން ލިބޭނީ ރައްޔިތުންނަށެވެ.

 

 

 

 

ު