މާލޭ މީހުންގެ ބޯހިޔާވަހިކަމަކީ ވޯޓަކަށްޓަކައި އުކާލާ އެންގަނޑަކަށް ނުހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ގޮވައިލައްވައިފިއެވެ.

Ads by Asuru

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޙައްޤުވެރިންނަށް ފްލެޓު ދިނުމަށް ގޮވާލައި އީވާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަން ލިބިލެއްވި ފުރުޞަތުގައި އީވާ ވަނީ  މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ސަލާން ޖަހައި، އާދޭސް ކުރަން ނުޖެއްސުމަށް ގޮވާލާފައެވެ.

”އެންމެ ފަހު ދުވަހަށް ނުބަހައްޓާށޭ، ގައިމު އެންމެ ފަހު ދުވަހަށް ނުބެހެއްޓިނަމަ، އިރާދަކުރެއްވީތީ، މާލޭ މީހުން ތިބޭނީ، މިހާރު އެމީހުންނަށް ލިބުނު ގޯތި ގެދޮރަށް ވަދެ.“ އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކައިގައި، މައްސަލައެއް ނެތް ފްލެޓުތައް އަވަހަށް ޙަވާލު ކުރުމަށް ވެސް ގޮވައިލެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންގެ ފަހު އަހަރު ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފްލެޓްތަކެއް ވަނީ ދޫކޮށްފައެވެ. ނަމަވެސް ފްލެޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް އެންޓި ކޮރަޕްޝަނަށް ފާހަގަވެގެން ދިޔުމާއިއެކުގައި ފްލެޓް ޙަވާލު ކުރުން އޮތީ މަޑުޖަައްސާލާފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުޠު ހަމަނުވާކަމަށް އޭސީސީން ކުރި ތަޙްޤީޤުން ވަނީ ހާމަވެފައެވެ.