ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް ފަނޑިޔާރުގެއަށް އަރައިނުގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލްކުރާ ދާއިރާތަކުގެ ތެރެއިން މިހާރު ހުސްވެފައިވާ ދާއިރާތަކުގެ ގޮނޑި ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނަން، މަޖިލީހުގެ ޤަވާއިދަށް ގެނައި އިޞްލާޙަށް ޢަމަލު ކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، މަޖިލީހުން ގޮތެއް ނިންމުމާމެދު މަޖިލީހުގައި މިއަދު ކުރި ބަހުސްގައެވެ.

ޤާނޫނު އަސާސީއޭ ކިޔާފައި އެއްޗެއް ލިޔެ، އެއަށް ޢަމަލު ނުކުރަންޏާ އޭގެ ބޭނުމެއް ނެތް ކަމަށް މޮސްޓާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފަނޑިޔާރު ގެއަށް އެ ބާރު އޮންނަ ކަމުގައިވާނަމަ، ފަނޑިޔާރުން މިއަދު ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ، ފައިމަގުގައި ކަމަށް މަޖިލީހަށް ވެސް ނިންމިދާނެ ކަމަށެވެ.

”އެމީހުންގެ ބާރުތަކަކަށް އަޅުގަނޑުމެން އަރައެއް ނުގަންނަން. އެހެންވެއްޖެއްޔާ އަޅުގަނޑުމެން، ނިންމާ ކަންތައްތަކުގެ ތެރެއަށް ފަނޑިޔާރުގެއަކަށް ވެސް އަރައެއް ނުގަނެވޭނެ. އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް ނިންމުމުގެ ބާރު، ޤާނޫނު އަސާސީން މުޠުލަޤަށް އެބައޮތް ރައްޔިތުންގެ މަޖިލިސްއަށް ދީފަ.“ އޭނާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ، މަޖިލީހުގެ އަޣުލަބިއްޔަތުގެ މައްސަލައަކީ ޢިލްމީ ބޮޑެތި ބަހުސްތަކެއް ކުރެވިދާނެ މައްސަލައެއް ކަމަށާއި، މަޖިލީހުން މެމްބަރުންތަކެއް އިސްތިއުފާ ދެއްވާއިރު، އެ ހުސްވާ ގޮނޑިތަކާމެދު ވެސް ގޮތެއް ނިންމެން ޖެހޭ ކަމަށެވެ. އެގޮތުން ފަސް ކައުންސިލަރަކު ތިއްބާ އެތަނުން އެކަކު އެކަކު އިސްތިއުފާ ދެއްވިޔަސް، ވޯޓިން ކޯރަމް ވެސް އަލުން ކަނޑައެޅެން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ކޯޓަށް ހުށަހެޅުމުން، އެތަނުގައާއި މަޖިލީހުގައި ވެސް މިކަމަށް ބަހުސް ކުރެވެން ޖެހޭ ކަމަށާއި، ކޯޓަށް ”ހަމަ ހުރެފައި“ ގޮތެއް ނުނިންމޭނެ ކަމަށެވެ.

މޮސްޓާ ވިދާޅުވީ ކޯޓުން ނިންމާ ނިންމުންތަކަށް މަޖިލީހުން އިޙްތިރާާމް ކުރާއިރު، މަޖިލީހުގެ ނިންމުންތަކަށް ކޯޓުން ވެސް އިޙްތިރާމް ކުރަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދިނުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ކޯރަމް ގުނުމަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުން  ވަނީ ފާސްކޮށްފައެވެ.