ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރާއްޖެ-އިންޑިއާ ގުޅުން ހީނަރުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވަމުންދާ ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުން ޙަޤީޤަތާއި ޚިލާފު ޚަބަރު ފަތުރަމުން އެބަދެއެވެ.

Ads by Asuru

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި، ރައީސް މުޢިއްޒުގެ ވެރިކަމުގައި، ޗައިނާއާއި ގާތް ގުޅުމެއް ބާއްވައި، އެ ޤައުމުން ގިނަ އަދަދުތަކުން ލޯނު ނެގުމުން ރާއްޖެ ދަނީ ވަރަށް ބޮޑަށް ދަރަނިވެރިވަމުންނެވެ. އަދި ޙާލަތު ގޯޯސްވެ، ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަނު ކުރެއްވި، ކުރީގެ ފިނޭންްސް މިނިސްޓަރު އަޙުމަދު މުނައްވަރު އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ ވެސް، އިންޑިއާގެ މީޑިއާތަކުން ދަނީ ދޮގު ޚަބަރު ފަތުރަމުންނެވެ. މުނައްވަރު ވަނީ އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފައި ނުވާކަން ”އަސުރަށް“ ކަށަވަރު ކޮށްދެއްވައިފައެވެ.

އިންޑިއާއާއިއެކު އޮންނަ ގުޅުން ހީނަރުވުމުން ރާއްޖެ ވަރަށް ގޯސް ޙާލަތަކަށް ވެއްޓިފައިވާ ކަމަށް ބުނެ، ރާއްޖެއާއިމެދު އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ފަދަ ވާހަކަތައް ވެސް އެ ޤައުމުގެ މީޑިއާތަކުން ދަނީ އާއްމު ކުރަމުންނެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ގުޅިގެން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)ގެ ބެއިލްއައުޓް ޕެކޭޖަށް ރާއްޖެއިން އެދިފައިވާ ކަމަށް ވެސް އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި، ޗައިނާއަށް މާ ބޮޑަށް ބަރޯސާ ވެފައިވާ ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ތުހުމަތު ކުރާއިރު، ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ސިޔާސަތަކީ ”ޕްރޯ މޯލްޑިވްސް“ ކަމަށާއި، އެމަނިކުފާނަށް އިސްވާނީ ޤައުމު ކަމަށެވެ.

އައިއެމްއެފްގެ މިފަދަ ޕްރޮގްރާމްގެ އެހީތެރިކަން ޤައުމުތަކުން ހޯދަނީ، އިޤްތިޞާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓުމުންނެވެ. ރާއްޖެ މިފަދަ ޙާލަތަކަށް ނުދާކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން އައިއެމްއެފްގެ އެއްވެސް ޕްރޮގްރާމެއްގައި ރާއްޖެއިން ބައިވެރިވާން ނުޖެހޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެފައި ވަނީ، ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ އިންތިޒާރުކުރި ގޯސް ޙާލަތަށް ރާއްޖެ ވައްޓާ ނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށެވެ.

އަދި ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާާން ނުޖެހޭ ކަމަށާއި، އިޤްތިޞާދީ ޙާލަތު، ކުރީން ލަފާކުރި ވަރަށްވުރެންވެސް ބާރަށް ރަނގަޅުވަމުން އަންނަ ކަމުގައި ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީއިރު، ވާލްޑް ގަވަމަންޓްސް ސަމިޓް 2024 ގެ ހަވާސާގެ ތެރެއިން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ރައީސް މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައިވެސް ވަނީ އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެނައުމަށް ރައީސް މުޢިޢްޒު ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން، ރައީސް މުޢިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމާއިއެކުގައި، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވާލައި، އިންޑިއާގައި މީސްމީޑިއާ ކެމްޕެއިނެއް ފެށިގެން ކުރިއަށް ގެންދިޔައެވެ.

އެ ޤައުމުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓާލައިފިނަމަ، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ސިޔާސީ އެކްޓިވިސްޓުން ވެސް ބުނަމުން ދިޔައެވެ.

ނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އައު ރިކޯޑުތައް ވެސް ދަނީ ހަދަމުންނެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް 10،213 ފަތުރުވެރިން އައިސްފައިވާއިރު، އެއީ އެއް ދުވަސް ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7362 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ ނިސްބަތަށް ބަލާއިރު އެ ޢަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ު