ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

Ads by Asuru

 

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅު ކުރިއަށް ގެންދަވާނީ މިއަދުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ އާ ރައީސް ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެއެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.