ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން އައިސް ތިބި އަވަށްޓެރި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް އެ ގައުމުގެ ސިވިލިއަން ޓީމް ރާއްޖެ އަތުވެއްޖެއެވެ.

Ads by Asuru

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ.

މިކަން ކުރިއަށް ގެންދިޔުމަށް އިންޑިއާ އާއި ރާއްޖޭގެ ސަރާކާރުން ބޭއްވި މަޝްވަރާތަކުގައި ނިންމީ އިންޑިއާ ސިފައިން މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބާލާ ނިންމާށެވެ.
އަދި އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިން ޕްލެޓްފޯމުގެ ތެރެއިން އައްޑޫގައި ތިބި ސިފައިން މިއަންނަ މާޗް މަހުގެ 10 ގެ ކުރިން ބޭލުމަށް ވަނީ އެއްބަސްވެފައެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓްކޮށް ބެލެހެއްޓުމަށް އަންނަ ސިވިލިއަން ޓީމް މިހާރު ވަނީ ރާއްޖެ އައިސްފައި ކަމަށެވެ.
އަދި އިންޑިއާގެ ސިވިލިއަން ޓީމް މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ގޮސް ހޭންޑްއޯވަރ / ޓޭކްއޯވަރ ގެ ކަންކަން ފުރިހަމަކުރުމަށް ފަށާނެކަމަށާއި ދެޤައުމުން އެއްބަސް ވެފައިވާ ތާރީހުތަކުގައި އިންޑިއާ ސިފައިން ރާއްޖެއިން ފައިބާނެކަމަށްވެސް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިންޑިއާ ސިފައިން އައްޑޫ ސަރަހައްދުގައި ބޭނުންކުރަމުންދާ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިއުމަށްޓަކައި ޓެސްޓް ފްލައިޓްތަކެއް މިމަހުގެ 27 ވަނަ ދުވަހު ބޭއްވޭނެ ކަމަށާއި، މިހާރު ބޭނުންކުރަމުންދާ ހެލިކޮޕްޓަރުގެ ބަދަލުގައި ބޭނުންކުރާނެ ހެލިކޮޕްޓަރު ހިފައިގެން މިމަހުގެ 28 ގައި އިންޑިއާގެ މަނަވަރެއް އައްޑޫ ސިޓީއަށް ބަނދަރު ކުރާނެކަމަށްވެސް ދިފާޢީ ވުޒާރާގެ ބަޔާނުގައި ވެއެވެ.