މ.މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ހިފައިގެން ފަޅުރަށަކަށް ދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ހަތަރު ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މުލި ޕޮލިސް ސްޓޭޝަނާއި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށްފައިވަނީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށް، އެމީހުން ދަތުރުކުރި ލޯންޗާއި އެމީހުން ގެންގުޅުނު ތަކެތި އަދި އެމީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 10 މީހުން ހައްޔަރުކޮށްފައެވެ. އަދި ލޯންޗު ބަލައިފާސްކޮށް އެ މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 33 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި އަދި ދެންތިބި މީހުން ތިންދުވަހާއި ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.