ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާމްދަނީއަށް ލިބޭނެ ގޮތް ހެދުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަން ގަސްތު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު ވ.ކެޔޮދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް މި ސަރުކާރުން ގިނަ ކަންކަން ރާއްވަވަމުން އަންނައިރު، މިއީ ވެސް ފައިސާ އިތުރު ވެގެންދާނެ ގޮތެއް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކި ސިނާއަތްތައް ކުރިއަރުވަން މަސައްކަތް ކުރާއިރު، ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ރަށްތަކަށް ނަފާ ލިބިގެންދާނެ ގޮތަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ. އެގޮތުން ރަށު ކައުންސިލުތަކަށް އާާމްދަނީ ލިބޭނެ ގޮތް ހަދައިދިނުމަށްޓަކައި އެރަށެއްގެ ކައިރިން ނުވަތަ ދުރުން ވިޔަސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރެއްވިއެވެ.

”އެއީ އެ ރަށުގައި އެކި ކަހަލަ ވިޔަފާރިތައް ހިންގައިގެން، ރަށަށް ބޭނުންވާ އާމްދަނީ، ރަށުގެ ރައްޔިތުންނަށް އާމްދަނީ އިތުރު ކުރުމަށްޓަކާ، ކައުންސިލްގެ އާމްދަނީ ބަޖެޓަށް އާާމްދަނީ އިތުރު ކުރުމަށް ފުރުސަތު ދޭން.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިސްކިތްތަކުގެ ކަރަންޓު ބިލުގެ ރޭޓު ޑޮމެސްޓިކް ރޭޓަށް ކުޑަކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި، ފެނަކައާއި ސްޓެލްކޯގެ ހާލަތު ރަނގަޅު ވާވަރަކަށް އިތުރު ކަންކަމުގައި ލުއި ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަގުބައްތި ދިއްލުމާއި، އާއްމު ތަންތަން ދިއްލުމުގެ ބިލުތައް ހިމެނޭ ކަމަށް ރައީީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މިކަމުގެ ބޭނުމަކީ ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން ސަރުކާރާއި މިނިސްޓްރީތަކުން ކުރަން ޖެހޭ ހަރަދަށް ވެސް ލުއިކަން ލިބިގެންދާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.

”އެހެންވީމަ، ހަގީގީ މާނައިގައި، ލާމަރުކަޒީކޮށް، ރައްޔިތުންނަށް ލިބޭ އާމްދަނީއަކުން ފައިދާވާ ގޮތް ހަދަން އަޅުގަނޑުމެން ބޭނުންވަނީ.“

ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ތަންފީޒުކޮށް، ކައުންސިލުތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ މުހިންމު އެއް ވައުދުފުޅެވެ.