ށ.މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވަނިކޮށް، އެ ރަށުގައި އެއާޕޯޓު އަޅައިދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

Ads by Asuru

ސޯލިހު މިކަމަށް ގޮވާލެއްވީ އެ ރަށުގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ ކުރެވޭނެ ކަމެއް ކަމުގައިވާނަމަ، އެކަން ކޮށްދޭން މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަމަށާއި، ނަމަވެސް އިންތިހާބުގައި ނާކާމިޔާބުވެ، އެކަން ކޮށްދިނުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެކަން ކޮށްދިނުމަށް އެދޭ ކަމަށް ސޯލިހު ވިދާޅުވިއެވެ.

”މިއަދު މިވަނީ ސަރުކާރުން އެ ވައުދުވެފާ އަނެއްކާ ވެސް. އަޅުގަނޑު އެދެނީ އެކަން ކޮށްދިނުމަށް، ސަރުކާރުން ފައިސާ ހޯއްދަވައިގެން ކަމަށް ވިޔަސް، މި ރަށުގައި އަޅަން ވައުދުވި އެއާޕޯޓު ލަސްނުކޮށް މި ރަށުގައި އަޅައިދިނުމަށް.“ ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ، މިލަންދޫގެ އެއާޕޯޓު އެޅުމަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން މަޖިލިސް ތެރެއިން ލިބިގެންދާނެ ކަމަށެވެ. މިލަންދޫގައި އެއާޕޯޓު އަޅަން ސޯލިހު ގޮވާލެއްވިއިރު، އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންނެވި ފަހުން، އެ ރަށަށް ދަތުރުފުޅު ކުރެއްވުމަށް ފަހު ވެސް އެއާޕޯޓުގެ ވައުދު ތަކުރާރު ކުރެއްވިއެވެ.