މާޗު އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ.
މެދުރާއްޖޭގެ ރަށްތަކަށް އިހުސާސް ކުރެވޭ ހޫނުމިން އިއްޔެ ވެސް 42 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ދުވަސްވަރު އެންމެ ބޮޑަށް ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދަނީ މެންދުރުފަހު 2 ޖަހާއިރު ކަމަށެވެ.
އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ހިއްސާކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ:
އަވިން ރައްކާތެރިވުމަށް ކުޑަ ބޭނުން ކުރުން
ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ދޫ ހެދުންލުން
ބޮޑަށް ހިޔާވާ ކަހަލަ ބޮޑު ތޮތްޕެއް ބޭނުންކުރުން
ގިނަ ވަގުތު އަވީގައި ނޫޅުން
ގިނަ ވަގުތު އަވީގައި އުޅެން ޖެހޭނަމަ، SPF-15އަށްވުރެ މަތީގެ ސަން ލޯޝަން ބޭނުންކުރުން
ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ ފަދަ އަވި އައިނު ބޭނުން ކުރުން
ރޯދަ ވީީއްލުމަށްފަހު، ގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި ފެން ގިނަ މޭވާ އާއި ތަރުކާރީ ބޭނުންކުރުން، އަދި ކެއުމުގައި ލޮނު މަދުކުރުން
މިދިޔަ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުވި ދުވަސްވަރު، މާލެ ސަރަހައްދުގައި ހޫނު މިން އިހްސާސް ކުރެވޭ މިންވަރު 45 ޑިގްރީ ސެލްސިއަސް އަށް ވެސް އަރާފައިވެއެވެ.