މި ގައުމު އޭގެ ހަމަ މަގުން ނައްޓުވާލި ބަޔަކަށް މި ގައުމު ހަމަ މަގަށް އެޅުވޭނެތޯ ކަމާމެދު ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެމްޑީޕީއަށް ސުވާލު އުފައްދަވައިފިއެވެ.

Ads by Asuru

ސަޓޯ މި ސުވާލު އުފައްދަވާފައިވަނީ އެބޭފުޅާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ސަޓޯ ވިދާޅުވީ މި ސަރުކާރުން އަންނަނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ނިމިދިޔަ ފަސް އަހަރަކީ މިގައުމު ހަމަ މިސްރާބުން ގެއްލި، މި ގައުމުގެ ސިޔާދަތާއި މިނިވަންކަންވެސް ގެއްލުމާ ކައިރިއަށް ދިޔަ ފަސް އަހަރު ކަމަށް ސަޓޯ ވިދާޅުވިއެވެ.

ސަޓޯ ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ގައުމުގެ އިގްތިސާދު ދިޔައީ ދުވަހެއް ދުވަހަކަށް ހީނަރުވަމުން ކަމަށެވެ. އަދި އިޖުތިމާއީ ފޭރާންވެސް ދިޔައީ ވީދި ކުދި ކުދިވަމުން ކަމަށާއި، ލާދީނީ ފިކުރުތައްވެސް ފެތުރި މުޖުތަމައުގެ ތެރޭގައި އަށަގަންނަމުން ދިޔަކަމަށް ސަޓޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ހާލަތެއްގައި ރާއްޖެ އޮއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ހިކުމަތު އަމަލީގެ ސަބަބުން ގައުމަށް އާރޯކަމާއި ދިރުން ލިބެމުން އަންނަ ކަމަށެވެ. އަދި ހީނަރުވެފައިވާ އިގުތިސާދު ވަރުގަދަވެ، ފުދުންތެރިކަންވެސް އިތުރުވަމުން އަންނަކަމަށް ސަޓޯ ވިދާޅުވިއެވެ. ސަޓޯ ވިދާޅުވީ ދިވެހި ފައިސާގެ އަގު އުފުލި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވެގެން ދިއުމަކީ އޭގެ އެއް ނަތީޖާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރު ނިމުނު އިރު ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށް ސަޓޯ ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފަންޑުގައި ވަނީ 30 މިލިއަން ޑޮލަރު ރައްކާކުރައްވާފައެވެ. ސަޓޯ ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލަކީ މިއީ ކަމަށެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން މިހާރު މަސައްކަތް ކުރަމުން އަންނަނީ މިގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ އެބޭފުޅުންނަށް ހޯދައިދިނުމަށް ދޮގު ވާހަކަތައް ފެތުރުން ކަމަށް ސަޓޯ ވިދާޅުވިއެވެ. އެގޮތުން ސަޓޯ ވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ވެސް ސުޕަރ މެޖޯރީޓީ އެމްޑީޕީއަށް ލިބިގެން އޭރު ނުކުރެވުނު ކަމެއް މިހާރު ކުރެވޭނީ ކިހިނެތްތޯ ކަމާމެދު ސުވާލު އުފައްދަވާފައެވެ.

ސަޓޯ ވިދާޅުވީ މިގައުމު ހަލާކު ކުރި ބަޔަކަށް މިގައުމު އިސްލާހު ކުރުމަށް ހަވާލުކޮށްފިނަމަ، މި ފަސް އަހަރު ދާނީ ބޭކާރު ވެގެން ކަމަށެވެ. އަދި މިހާރުވެސް އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރީޓި އޮތް މަޖިލީހެއް ކަމަށާއި ގައުމު ހަމަ މަގަށް އެޅުވުމަށް އެ މެމްބަރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ސަޓޯ ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުން އަންނަނީ ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކުރައްވާ ސަޓޯ ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް ތާއީދުކުރާ، ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން އިންތިހާބު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.