ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ މީގެ ކުރިން ނުކުރާ މިންވަރަކަށް އިންޑިއާއިން އިތުރުކޮށްދިނުމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ހަގީގަތުގައިވެސް ޒަމާންވީ ރަހުމަތްތެރިކަމާއި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އޮތް ވަރުގަދަ ވައުދު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

މިނިސްޓަރ ވަނީ 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއިން ޒަރޫރީ ބާވަތްތައް އެތެރެކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓާ އާކޮށްދިނުމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓަރ ޑރ އެސް. ޖައިޝަންކަރު އަދި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ޖައިޝަންކަރު ވަނީ މިނިސްޓަރ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބުވެސް ދެއްވާފައެވެ. އެގޮތުން އަވަށްޓެރި ގައުމުތައް އިސްކުރުމުގެ ސިޔާސަތުގައި އިންޑިއާއިން އަބަދުވެސް ދެމިތިބޭނެކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި އިމާރާތްކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޮޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކުރުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ. އެއީ %25 ގެ އިތުރުވުމެކެވެ.

މީގެ އިތުރުން ފިޔާ، އަލުވި، ބިސް، ހަނޑޫ، ހަކުރު، ފުށް އަދި މުގު އެތެރެކުރުމުގެ ހުއްދަ ދިން މިންވަރުވެސް ވަނީ %5 އިތުރުކޮށްފައެވެ.