ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހުގައި އިސްލާމީ ވަންތަކޮށް އީދު ފާހަގަކުރުމަކީ މީގެ އެތައް އަހަރެއް ކުރިން ހުއްޓިފައި އޮތް ކަމެކެވެ.

Ads by Asuru

އިސްލާމީ ކަންތައްތަކަށް މާ ބޮޑު އިސްކަމެއް ދިނުމުގެ ބަދަލުގައި ސަގާފަތުން ފެނިގެން އައީ ހުޅަނގެ ވިސްނުމަށް އީދު ފާހަގަކުރާ މަންޒަރެވެ. ނަމަވެސް މި މުނާސަބައިގައި އަނެއްކާވެސް އިސްލާމީ ކުލަ ޖައްސަވައިދެއްވި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް ކަމުގެ އިހުސާސް ރައްޔިތުންނަށް ވަނީ ކުރަން ފަށާފައެވެ. ފިތުރު އީދުގެ މުނާސަބުތައި މުޅި ރާއްޖެ ތަކްބީރުން މިއަދު ގުގުމާލައިފައިވާއިރު، އީދު އަންނާތީ އެކަމުގެ އުފަލަށްޓަކާ ގިނަ ރައްޔިތުން ތިބީ އިންތިޒާރުގައެވެ.

މިއުޒިކް ޝޯތަކާއި ކުލަ ޖެހުމަށްވުރެ މުޅި ރާއްޖެ އީދުގެ ކުލަތަކުން ދިއްލާލަން އުޅޭކަމުގެ ތައްޔާރީތައް ފެނުމާއެކުވެސް ރައްޔިތުން ތިބީ އެކަމަށް އިންތިޒާރުގައެވެ.

ރާއްޖޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރުމަށްޓަކައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލުމަށްޓަކައި ”އީދު އަލި“ ހަރަކާތް އެމަނިކުފާނު އިފްތިތާހްކޮށްދެއްވީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު މި ގައުމުގައި އީދު ދުވަސް އަންނާތީ ކުރިއާލާ އިންތިޒާރުކޮށް އީދު ދުވަހަށްޓަކާ ތައްޔާރުވާއިރު އީދުގެ އުފަލުގައި ފުރިހަމައަށް ދީނީ ހަމަތަކުގެ މަތިން ބައިވެރިވެ އުފާ ފާޅުކުރަންވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”އީދު އަލި“ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައިވެސް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެއްސަކަށް ވީތީ އެންމެ ފަހުރުވެރި ވާންވީ އިސްލާމް ދީނުގެ ނިއުމަތް ދެއްވާފައިވާތީކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ކުދިބޮޑު ހުރިހާ އެންމެންނާއި ޒުވާނުންނަށް އިސްލާމް ދީނުގެ މުހިންމުކަން އިހުސާސްވާންކަމަށް ވިދާޅުވެފައިވެއެވެ.

ކުޑަކުދިންނާއި އާއިލާތައް އީދުގެ އުފަލުގައި ބައިވެރިވެ، އެންމެ ފުރިހަމަ ގޮތުގައި އީދު ފާހަގަކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވާފައިވާއިރު، ނިމިދިޔަ ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު ފުރިހަމައަށް ލިބިގަތުމަށް ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެމަނިކުފާނު ވަނީ ރަމަޟާން މަހުގެ ފަހު 10 އެއްވެސް ސަރުކާރު ބަންދުކޮށްފައެވެ.

ރައީސް ވަނީ ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދެއްވުމަށްވެސް ނިންމަވާފައެވެ.

ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރަމަޟާން މަހަށް މިއަހަރުގެ ރަމަޟާން މަސްވާއިރު، މިފަހަރުގެ ރަމަޟާން މަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް ވެސް ސަރުކާރުން ވަނީ އަޅާފައެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބައްސަވާ، ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މައާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީހަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.