މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަދި މިހާރު ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީގެ ކެމްޕެއިނުގައި މަސައްކަތް ކުރި މީހުންނަށް ފައިސާ ނުދޭކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

ސޯޝަލް މީޑިއާގައި އަލީ ރިޔާޒް ކިޔާ މީހަކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް 3000 ރުފިޔާ ދޭން ބުނުމުން މަސައްކަތް ކުރި ކަމަށާއި، އިންތިހާބު ނިމުމަށްފަހު ދެތިން ދުވަސްތެރޭގައި ފައިސާ ދޭނެކަމަށް ބުނި ނަމަވެސް އަދިވެސް އެ ފައިސާ ނުލިބޭކަމަށެވެ. އަދި ނަހުލާ ފޯނަށް ޖަވާބު ނުދޭ ކަމަށާއި ނަމްބަރުވެސް މިހާރު ވަނީ ބްލޮކް ކޮށްލާފައި ކަމަށް ރިޔާޒް ބުންޏެވެ.

ރިޔާޒް ވަނީ މިކަމާ ގުޅޭ ގޮތުން ނަހުލާގެ ކޮއްކޮ، ނަފްހާއަށް ވައިބަ އިން ކޮށްފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ މެސެޖުތަކުން ފެންނަ ގޮތުން ނަފްހާ ފަހުން ބުނެފައިވަނީ ފައިސާގެ ކަންތައް އިނގޭނީ ދޮންތައަށް ކަމަށާއި އިންތިހާބު ނިމުނުފަހުން ނަފްހާއަށްވެސް ނަހުލާއަށް ގުޅިފައި ނުވާކަމަށެވެ.

ރިޔާޒް ހިއްސާކޮށްފައިވާ ޕޯސްޓަށް ބައެއް ފަރާތްތަކުން ކޮމެންޓް ކޮށްފައިވާގޮތުގައި ނަހުލާއަކީ މީގެ ކުރިންވެސް މީހުން ލައްވާ އެފަދައިން މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދޭ މީހެކެވެ.