މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

ނައިބު ރައީސް މިހެން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ޕީއެސްއެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދި ނޫސްވެރިންނަށާއި މުޖުތަމައުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމަށެވެ.

އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ހިދުމަތުގެ އަގުވަޒަން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ 2023 ގެ ރިޔާސީ އިންހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް މުއިއްޒު އިންތިގާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއް ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދުމަށް މަސައްކަތް ފެށުނު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ވައުދުވެވަޑައިގެންނެވި އެއްކަމަކީ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދައުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ހައްލެއް ގެނައުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސްގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި ރައީސް ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.