އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން އިސްކަން ދެއްވާކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ހަމަ އެއާއެކު އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ލިބުމުގެ މުހިން މުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމު ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައެވެ.
އަދި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ސާފު ހަކަތަ ހޯދުމުގައި ހުރި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ގޮތެއްގައި ފިޔަވަޅުއެޅުމަށް ބައިނަލްއަޤްވާމީ ސިޔާސަތުތައް ކަނޑައެޅުން ފަދަ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަރަށް ބޮޑަށް ކުރިއަރަމުންދާކަންފާހަގަކުރައްވައި އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ އިންޑޯ-ޕެސިފިކް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށްވެސް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.