ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ހުއްދަ ނެތި ބަހައްޓާފައިތަކެތި 30 ދުވަސް ތެރޭގައި ނެގުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.

Ads by Asuru

އެ ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ވެސް އަންގައިފައެވެ.

އެޗްޑީސީން ބުނީ ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިގު މުއްދަތަކަށް ތަކެތި ބަހައްޓަމުން ދިޔުމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި  ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމުގައެވެ.

”އަދި މިގޮތަށް ތަކެތި ބަހައްޓާފައިވާ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރުމުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ދަނީ ކުރަމުން.“ އެޗްޑީސީން ބުންޏެވެ.

ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގައި ސާފު ކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެޗްޑީީސީން ބުނެއެވެ.

އަދި ކަނޑައެޅިފައި ވާ މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށާއި މި މަސައްކަތުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ 2 ވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ފެށުމަށްޓަކައި، ބިން ހުސްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ހުޅުމާލޭގެ 2 ވަނަ އަދި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

”އެގޮތަށް ބިންތައް ބޭނުން ކުރާ ފަރާތްތަކުން 7 ޖޫން 2024 ގެކުރިން އެފަދަ ތަކެތި ނަގައި ބިން ސާފުކޮށްދިނުމަށް މި ކޯޕަރޭޝަނުން އެދެން.“

ހުޅުމާލެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށް، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.