ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ގާއިމު ކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، އިންޑިއާ އިސްވެ އެފަދަ އެއްބަސްވުމެއް އެކުލަވާލަން ޝައުގުވެރިވާކަން އެ ގައުމުން ހުށަހެޅީ ވަރަށް ފަހުން ކަމަށެވެ.
”އެބޭފުޅުން އިސްވެ ބޭނުންވޭ ދިވެހި ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން ވަކިން ހަމަ ސަފްޓާގެ އިތުރަށްވެސް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، މިހާރު ޗައިނާއާއެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރު ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށެވެ.
