96,000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެންދާނެއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 96،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކިޔެވުން ފެށޭއިރު އޭގެތެރޭގައި ހިމެނެނީ 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ކަމަށެވެ.

ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދާކަމަށާއި އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ފެށޭ ދިރާސީ އަހަރު މާލެ ސަރަހައްދަށް ގްރޭޑް 1 އަށް 2,250 ދަރިވަރުން އެންރޯލް ކުރެވިފައިވާ ކަމަށާއި، ގްރޭޑު 1 ފިޔަވާ އެހެން ގްރޭޑު ތަކަށް ވަނުމަށް 2081 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މި ދިރާސީ އަހަރު އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ބަދަލުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ފެށޭ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރައްވާނެކަމަށާއި އެއީ 10,729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.