އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި، އޭނާގެ އުފަށް ރަށް ރ.އުނގޫފާރުގައި ބާއްވައިފިއެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތައުޒިޔާ ދަންނަވާފައެވެ.

މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް މުހައްމަދު ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.
ކޯޕްރަލް މުހައްމަދު ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ލ.މާވަށް ކައިރީގައި، ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ.ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ.
ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.
ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް އަރުވާފައި ވެއެވެ.
ރ.އުނގޫފާރުގައި މިއަދު ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، ރ. އުނގޫފާރުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެލައްވާފައެވެ.
