ސިނަމާލެ ބުރިޖްގެ މެއިންޓަނަންސްގެ މަސައްކަތަށް ބޭނުންބާ ދިވެހިން ތަމްރީން ކުރަން އޮގަސްޓު މަހު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ސިނަމާލެ ބްރިޖުގައި މިހާރު ކުރިއަށްދާ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވެ އެވެ. މި މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުން ރާއްޖެ އަށް ފޯރުކޮށްދޭ ހިލޭ އެހީގެ ދަށުންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބުރިޖު މެއިންޓަނަންސް މަސައްކަތުގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް އެ ބްރިޖް ހެދި ޗައިނާގެ ހާއްސަ ޓީމެއް ވެސް އޮގަސްޓް މަހު ރާއްޖެ އަންނާނެ ކަމަށެވެ.

އެގޮތުން އެ ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދެހާސް އަށާރައިގައި ބޭނުން ކުރަން ފެށި ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރުމަށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީން ކުރުމަށް ކުރިން ވެސް އޮތީ ހަމަޖެހިފައެވެ.

އެކަމާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވަނީ ބުރިޖު މެއިންޓަނަންސްގެ މަސައްކަތަށް ދިވެހިން ތަމްރީން ކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި މެއިންޓަނަންސް މަސައްކަތް އެނގޭ ފަންނީ ދިވެހިން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.