ރާއްޖޭގެ އާބާދީ އިތުރުވަމުން ނުދާތީ، އެކަން ޙައްލު ކުރުމަށް ޤައުމީ ފެންވަރުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށް ފެމިލީ މިނިސްޓަރު ޑރ. އައިޝަތި ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅިގެން ގައުމީ ފެންވަރުގައި ވަރަށް އަވަހަށް މަޝްވަރާތަކެއް ވެސް ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އުފަންވާ ރޭޓް ދަށަށް ދިޔުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.
އެފަދަ ގައުމުތަކުން މިހާރު އެކަމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާއި، އެގޮތުން އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުންގެންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވަޒީފާ އަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމު ގައުމުތަކުގައި ހަރުދަނާ ކުރަމުން އަންނަކަމަށެވެ.
”އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާން ޖެހޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ފަހުން 2022 ގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ އަށް ބަލައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފައިވާ ގޮތުގައި 2014 ގައި ބޯހިމެނި އިރު، ރާއްޖޭގެ އާބާދީ އަކީ 338،434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީ އަކީ 382،751 އެވެ.
އެހެންވެ އެންމެ ފަހުން ބޯހިމެނުން ކުރިއަށް ގެންދިއުމާ ދޭތެރޭގައި ދިޔަ އަށް ތެރޭގައި އާބާދީއަށް އިތުރުވީ 44،317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5،500 ކުދިންނެވެ.
