ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފާހަގަ ކުރުން، ޝަރުއީ ގޮތުން ހުއްދަ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މިހެން ވިދާޅުވިއިރު، ބައެއް ރަށްރަށުގައި އީދު ފާހަގަ ކުރުމަށް އެކި ވައްތަރުގެ މާލި ޕެރޭޑު ބާއްވައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، އިސްލާމް ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި، އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މިރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް ކަމަށެވެ.

ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވައި މިނިިސްޓަރު ޝަހީމް ވިދާޅުވީ އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ ކަމަށެވެ.

”ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއެއްގޮތައް. ދިވެހިންގެ ސަޤާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަން. އެނޫންކަންކަމަކީ ޚުރާފީ ބާޠިލްކަންކަން.“ މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ އީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށެވެ.

އަދި މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށާއި އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.