ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ތަރައްގީކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް (އެފްއާރުސީ) އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިންފްރާސްޓްރަކްޗާ ރަނގަޅުކޮށް، ޒުވާނުންނަށް ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިމުމުން، ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުވެ، ހުރިހާ ރަށެއްގައި ޒަމާނީ ފިޓްނަސް ސެންޓަރުތަކުގެ ހިދުމަތް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށްރަށުގައި ގާއިމުކުރާ ސެންޓަރުތަކުގެ އިތުރުން، ކުޅިވަރު ތަރައްގީ ކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

އޭގެ ތެރޭގައި ސަލްޓަން ޕާކާއި ހުޅުމާލޭގައި ގާއިމުކުރާ އިންޑޯ ގޭމިން ސެންޓަރުތަކާއި، ރޭސިން އަދި ޑްރިފްޓިން ޓްރެކެއްގެ އިތުރުން ހުޅުމާލޭގައި ތަރައްގީކުރާ ޒަމާނީ ގޯ-ކާޓް އެރީނާ ހިމެނެއެވެ.

މި ވަސީލަތްތައް 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

”އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުންނާނެ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، 15 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.