ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި ހުރި ހަޓުތައް ނަގަން ފަށާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ވަނީ މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ހަޓުތައް ނެގުމަށް އެތަނުގައި ވިޔަފާރިކުރަމުން އައި ފަރާތްތަކަށް މުއްދަތު ދީފައެވެ. މި މުއްދަތުގައި ބައެއް ފަރާތްތަކުން ހަޓުތައް ނެގި ނަމަވެސް ގިނަ ހަޓުތައް ނަގާފައެއް ނުވެއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާއެކުގައެވެ.
ނަމަވެސް ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާކަމަށް މީގެ ކުރިން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ޤާއިމުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެއެވެ.
