މ.މުލީ އެއާޕޯޓް ހުޅުވުމަށްޓަކައި އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދާ ރީޖަނަލް އެއާޕޯޓްސް މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

Ads by Asuru
މުލީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓިސީސީންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި މުބީން ވިދާޅުވީ މުލީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މުވައްޒަފުން ނެގުމަށްފަހު ތަމްރީނު ދިނުމަށްވެސް ވެސް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުލީ އެއާޕޯޓު ހުޅުވާނީ، ތިން ހަތަރު މަސް ފަހުންނެވެ.

މުބީން ވިދާޅުވީ، ފަޔާ އެންޑް ރެސްކިއު ޓީމެއް އެކުލަވާލައި އަލަށް ނަގާ މުވައްޒަފުން ތަމްރީނު ކުރަން ޖެހޭ ކަމަށާއި، މުވައްޒަފުން ތަމްރީނު ނުކުރެވިއްޖެނަމަ މުލީ އެއާޕޯޓު އޮޕަރޭޝަނަށް ގެންނަން ޖެހޭނީ ތަމްރީން ކުރެވިފައި ތިބި މުވައްޒަފުން އެހެން އެއާޕޯޓްތަކުން ގެނެސްގެން ކަމަށެވެ.

މުލީ އެއާޕޯޓު މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
އަދި 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރިއިރު، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކޮށްފައި ވެއެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަންއެއް ވެސް ގާއިމުކޮށްފައި ވެއެވެ.