އެމްޑީޕީގެ ކޮންގްރެސްގައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން އިސްތިހާރު ނުކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by Asuru

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި، އެޕާޓީގެ އަސާސީ ގަވައިދަށް ހުށަހެޅިފައިހުރި އިސްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެ އިސްލާހުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނުވަނީ އެމްޑީޕީގައި، ޕޮލިސީތަކާ ގުޅޭގޮތުން އިލްމީ ދިރާސާތައް ކުރުމަށް ތިންކް ޓޭންކްއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެ ވަގުތުގައި ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ވަޒީރުން ޕްރޮމޯޓް ނުކުރުމަށް އެދިވަޑައިގެންފައެވެ.

”މިކޮންގްރެސްގައި ރަނގަޅީ އެހެން ޕާޓީތަކުގެ ވަޒީރުން އިސްތިހާރު ނުކުރެއްވިއްޔާ. މިއީ އެމްޑީޕީގެ ކޮންގްރެސް.“

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ ވާދަވެރި ސިޔާސީ ޕާޓީއެއް ކަމަށާއި، އެޕާޓީން އެހެން ޕާޓީތަކުގެ ފަލްސަފާއެއް ޕްރޮމޯޓް ނުކުރާނެ ކަމަށެވެ.