ހައްޖުގެ އަޅުކަމަށް ފަހުގައި، އެނބުރި ރާއްޖެއަށް އަންނަ މީހުން، ބަލިތައް ފެތުރިދާނެތީ، ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް 1،150 މީހުން ދިޔައެވެ. އެ މީހުން މާދަމާ އަނބުރާ ރާއްޖެ އަންނަން ފަށާނެއެވެ.
އެޗްޕީއޭއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލްހުން ޖެހިފައިވާ ނަމަ ރައްކާތެރިކަން ދޭންވީ ކަންކަމާއި އެ އަލާމާތްތައް ފެންނަ ނަމަ ދެވިދާނެ ފަރުވާތައް ހިއްސާ ކޮށްފައެވެ.
އެގޮތުން، އެންމެ ހާއްސަ ކަމެއްގެ ގޮތުން ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ގިނައިން އަތް ދޮވުމާއި ދަތުރުމައްޗާއި ހައްޖު/އުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި، ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އެދޭ ކަމަށެވެ.
