ޕީއެންސީގެ އިގްތިސާދީ އެޖެންޑާގައިވާ ގޮތަށް ފެށި މަސައްކަތުގެ ނަތީޖާ، މި ސަރުކާރުގެ ހަތް މަސް ދުވަހުގައި ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ”ހައުސް އޮފް ޕީއެންސީ“ ހުޅުވައިދެއްވައި، މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދުފުޅަކީ ފައިސާ ޗާޕު ނުކުރުން ކަމަށެވެ.
”މިއީ ވަރަށް ވަރަށް އުނދަގޫ ކަމެއް. ފައިސާ ޗާޕު ކުރުން ހުއްޓާލި ހުއްޓާލުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލައި، ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް އެމަނިކުފާނުގެ ސަރުކާރުން ނިންމެވި ނިންމެވުން، އައިއެމްއެފްއާއި، ވޯލްޑް ބޭންކާއި، އެމަނިކުފާނު ވަޑައިގެންނެވި އެކި ކޮންފަރެންސްތަކުގައި ބައްދަލުވެވަޑައިގެންނެވި ލީޑަރުން ވެސް ވަރަށް ބޮޑަށް ފާހަގަކުރެއްވި ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް ފައިސާ ޗާޕު ނުކުރާ މިންވަރަށް، ކުރީ ސަރުކާރުން އެކަން ކުރަމުންދިޔަ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެކަން އެގޮތަށް ކުރިއަށް ގެންދިޔުމަށް މި ސަރުކާރަށް ވެސް ފަސޭހަވީސް ކަމަށާއި، ނަމަވެސް ސަރުކާރުން، ފައިސާ ޗާޕު ނުކުރުމުގެ އުނދަގޫ ނިންމުން ނިންމެވީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ި
