ޒުވާނުން ބާރުވެރި ކުރުވުމުގެ މަސައްކަތުގައި، ރަނގަޅު ނަތީޖާތަކެއް ފެންނާނެ: ރައީސް

ރައީސް މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވާ ސިލްސިލާ ޕޮޑްކާސްޓް ”ދަ ޕަލްސް“ ގެ 5 ވަނަ އެޕިސޯޑްގައެވެ.

މި ހަފުތާގެ އެޕިސޯޑް ހާއްސަ ކުރައްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުންނެވެ.

މިފަހަރުގެ ޕްރޮގްރާމް ގައިވެސް ރައީސް ވަނީ، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް އިޖާބަދެއްވާފައެވެ.

އެގޮތުން، ޒުވާނުންނަކީ ގައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އިގްތިސާދީ އަދި ތައުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ވަކީން ހާއްސަކޮށް، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުސަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްގީ ކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

މިފަދަ މަޝްރޫއުތަކަކީ ހަމައެކަނި ވެރިރަށް، މާލެއަށް ހާއްސަ ކަމަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ހިދުމަތްތައް ގާއިމުކުރެވެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫއުތައް ހުންނާނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ވަށާޖެހޭ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ.

ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ޕްރައިވެޓް ސެކްޓަރގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ މުހިންމު ބައެއް ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ވިޔަފާރީގެ ތެރޭގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަދުގެ ސަރުކާރުން ތައާރަފުކޮށްދެއްވާ ލޯން ސްކީމްތަކުގެ އިތުރުން، ޒުވާނުން ކުރިއަރާ ދިއުމަށް ހުރި އިތުރު ހުރަސްތަކާއި ގޮންޖެހުންތައް ގިރާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށް އެމަނިކުފާނު ތަފްސީލީ ގޮތެއްގައި ބައްލަވައިލެއްވިއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، މިކަން ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ މަދުވެގެން 15 ިއިންސައްތަ އަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުންކަމުގައި ވާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިހަފުތާގެ އެޕިސޯޑްގައި ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ރަނގަޅު ގޮތް އަންގައިދީ އެކަމަށް މަގުފަހިކޮށްދިނުން ކަމުގައި ފާހަގަކުރައްވަމުންނެވެ.

 

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮށް ނިމެމުންދާކަމަށާ، ވަޒީފާއާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމުގައި ދިވެހިންނަށް އިސްކަންދިނުމުގެ އިތުރުން އެކި ދާއިރާތަކުން ފަންނުވެރިން އުފައްދައިދީ، ކިޔަވައިގެން ނުކުންނަ ކުދިންނަކީ ތަޢުލީމީ ނުވަތަ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ބަޔަކަށް ހަދައިދީ، ކުރިއަށްދާނެ މަގުތައް ފަހިކޮށްދިނުން ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި މިމަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ހާސިލުވާނެކަމަށް ގަބޫލުފުޅުކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.