ސިޔާސަތުތައް އެކަަށައެޅުމާއި ހިންގުމުގައި ރަނގަޅު އިލްމީ ދިރާސާތަކުގެ ސަބަބުން ހޯދޭ ނަތީޖާ ރަނގަޅު ކަމަށާއި، ގައުމު ބިނާކުރުމުގައި ދިރާސާތަކާ ގުޅުވާލަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، ”ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022“ އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިއާރެއްގެ ގޮތުގައި، ޤައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާއިރު، ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ގައުމީ ތަރައްގީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ދިރާސާއަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި، އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ، ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވީ، ފަގީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއް ކަމަށެވެ. އަދި އިގްތިސާދު ހަރުދަނާވެ ސިނާޢަތްތައް ކުރި އެރުމާއި، މުޖުތަމަޢު ބިނާކުރުމަށްވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ނައިބު ރައީސް ވިދާޅުވި، ދިރާސާ އަކާއި ނުލައި ތަރައްޤީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތްކަމަށެވެ. އަދި ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީވެސް، ޢިލްމީ ދިރާސާތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޒަމާނީ އައުހޯދުންތަކާއި އީޖާދުތަކަށް މުޖުތަމަޢު ވާޞިލްކޮށްދެނީ ދިރާސާތަކުން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ސަރުކާރުތަކުންވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އައްސަވާނެ ކަމުގައި އުއްމީދު ކުރައްވާކަމަށެވެ. އަދި މިކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީ އަށާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމެންޓް އޮފީހުން އިންތިޒާމްކޮށްގެން މިކޮންފަރެސް ބާއްވަމުން އަންނަތާ މިއީ 5 ވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ އޮގަސްޓް 22 އިން 23އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.