މި ދުނިޔޭގައި ހިލޭ ލިބޭނެ އެއްޗެއް ނޯންނާނެ ކަމަށާއި، މިއީ ދަސް ކުރަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް( އިބްރާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ސިޔާސީ މަގާމުތައް މަދުކޮށް، އެކި ދުވަސްތައް ފާހަގަ ކުރުމަށް ދައުލަތުން ބޮޑެތި ހޭދަތައް ނުކުރާ ގޮތަށް ހަމަޖައްސަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވައިފައެވެ.

ރާއްޖޭގައި އަސާސީ ގިނަ ހިދުމަތްތައް ރައްޔިތުންނަށް ހިލޭ ލިބޭއިރު، އާސަންދަ ފަދަ ހިދުމަތްތައް، އެންމެ ބޭނުންވާ ފަރާތްތަކަށް އެކަނި ދީ، ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަ ކުރަން ގޮވާލަމުންދާ މި ދަނޑިވަޅުގައި އިބްރާ މީސްމީޑިއާގައި ވިދާޅުވީ، ދައުލަތް ދަރަނިވެރިވެފައި ވަނީ ކުރާ މަސައްކަތާ ނުބައްދަލު ހަރަދުކުރުމަށް ރައްޔިތުންގެ ޑިމާންޑް ބޮޑުވެގެން ކަމަށެެވެ.

އަދި ފްލެޓެއް ލިބެނިކޮށް ކޮންމެ މީހަކަށް ވެސް އެންމެ ރަނގަޅު ކަމަށާއި، އެކަމަކު އެ ފްލެޓް އަޅަން ދައުލަތުން ދަރަނި ނެގިވަރެއް، އެ ފައިސާ ހަރަދުކުރިގޮތެއް ބަލަން އެއްވެސް މީހަކު ބޭނުންނުވާއިރު، އެކަން އެނގޭންވެސް ރައްޔިތުން ބޭނުން ނުވާކަމަށް އިބުރާ ވިދާޅުވިއެވެ.

ސިޔާސީ މަގާމާ މުސާރަ ބޮޑުވެ، ގިނަވެގެން ނުރުހިގެން ވާހަކަދައްކާމީހާވެސް، މާދަމާވެސް އޭނާއަށް ވަޒީފާ ދީފިއްޔާ ބޭނުމެއް ނޫން ކަމުގައި ނުބުނާނެ ކަމަށެވެ.

”ދަސްކުރާށެވެ! މިދުނިޔެއަކު ހިލޭ ލިބޭ އެކައްޗެއްވެސް ނޯންނާނެއެވެ. މަރްޔަމްގެފާނަށް ކަދުރުކޮޅު ލިބިވަޑައިގަތީވެސް ރުށް ހަލުވާލެއްވީމައެވެ.“ އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއަކީ ފަސްކޮށް، ލަސްކޮށް ހެދިދާނެ އެއްޗެއް ކަމަށާއި އެކަމަކު އެއީ ކޮންމެވެސް ދުވަހަކުން ދައްކަން ޖެހޭނެ އެއްޗެއްކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

 

 

 

 

ެ